ޒުވާނުން ބާރުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާ ދެމެދު ވެފައިވާ ފަހުމުނާމާ އިތުރު ތިން އަހަރަށް މިއަދު އާ ކޮށްފިއެވެ.
ފަހުމުނާމާ އައު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން ސޮއުކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލަރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ޝިމްލާއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ޒުވާނުންނަށް ޤައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް އިތުރުކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު