ސައުތު ކޮރެއާގެ ފަސް ފާހަގަކޮށްލެވޭ ޔުނިވަރސިޓީއަކުން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފިއެވެ. ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުން މި ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިއްޔެ ވަނީ ހާމަ ކޮށްފައެވެ.
މި ފުރުސަތުގެ ތެރޭގައި އެވްހާ ވޮމެންސް ޔުނިވާރސިޓީގެ ޖެންޑަރ އީކުއަލިޓީ، ހަންޔަންގ ޔުނިވާރސިޓީގެ ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ، ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަންގެ ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް، ކޮރެއާ ޔުނިވާރސިޓީގެ ޓެކްސް އެން ފީސަލް ޕޮލިސީ އަދި ސެއޯލް ނެޝަނަލް ޔުނިވާރސިޓީގެ ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް ޕްރޮގްރާމްތައް ހިމެނެއެވެ.
މި ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް، ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، 2026 އޭޕްރިލް 1 ގައި 35 އަހަރު ނުވުމާއި، އިނގިރޭސި ބަހުގެ ފެންވަރު ދައްކުވައިދޭން ޖެހެއެވެ. އިނގިރޭސި ބަހުގެ ފެންވަރު ދައްކުވައިދެވޭނީ TOEFL އިން 570 އިން މައްޗަށް ނުވަތަ IELTS އިން 6.0 އަށް ނުވަތަ ޔުނިވަރސިޓީން ބަޔާންކޮށްފައިވާ ރިކުއަރމަންޓް ހަމަކުރުމަށް ފަހުއެވެ.
އޮންލައިން އެޕްލިކޭޝަން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް 17 ނޮވެމްބަރގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭއިރު، ހާރޑް ކޮޕީ 18 ނޮވެމްބަރގެ 12:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. ޚާއްސަ ކަމެއްގެ ގޮތުން، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށްވެސް މި ފުރުސަތަށް އެދެވޭނެއެވެ. އިތުރު މަޢުލޫމާތު http://www.mohe.gov.mv އިންނާއި 1474 ނަންބަރުން ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު