ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. ދިއްދުއަށް ވަޑައިގަތީ އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ ކްރިމިނަލް ކޯޓުން ހުއްދަ ނެގުމަކައިނުލާ ކަމަށްވާތީ، ފިޔަވަޅު އެޅިދާނެ ކަމަށް އެ ކޯޓުން މިއަދު ބުނެފިއެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް މިއަދު 14:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.
ޝަރީއަތް ތާވަލްކޮށްފައި ވަނިކޮށް، ހއ. އަތޮޅުގެ ”ތިލައުތުރު އެވޯޑް 2025” ޝަރަފުވެރިކޮށްދެއްވުމަށް ޔާމީން ވަނީ ދިއްދުއަށް ވަޑައިގެންފައެވެ.
ކްރިމިނަލް ކޯޓުން ބުނީ މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމާއި މައްސަލަ ތާވަލުކޮށްފައި އޮއްވާ ކޯޓުގެ ހުއްދަ ނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް ކަމަށެވެ.
ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އެކަމުގައި އަމަލުކޮށްފައިވާނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
ޔާމީން ޖަލުން ގޭބަންދަށް ބަދަލުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކުއެވެ.
ކިޔުންތެރިންގެ ހިޔާލު