ޓްރީ ޓޮޕް ހޮސްޕިޓަލުން އިޖްތިމާއީ ޒިންމާގެ ދަށުން މިއަހަރުގެ ހަތަރުވަނަ ހެލްތު ކޭމްޕް މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޮކްޓޯބަރު 17 އަދި 18 ވަނަ ދުވަހު ބޭއްވުނު މި ކޭމްޕުން މ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް ޚިދުމަތް ފޯރުކޮށްދެވިފައިވެއެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ސްޕެޝަލިސްޓުން ބައިވެރިވެ ޚިދުމަތް ދެއްވާފައިވެއެވެ. މީގެ ތެރޭގައި އީ.އެން.ޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އަދި ނިއުރޯސަރޖަރީގެ ދާއިރާތަކުން ކޮންސަލްޓަންޓުން ހިމެނެއެވެ. މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ރަށުގައި ތެބެގެން ޓީޓީ އެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
“މިއީ އަތޮޅުތަކުގައި ދިރެއުޅޭ ރައްޔިތުންނަށް އެރަށްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑީކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،” އެ ހޮސްޕިޓަލްގެ ސީއީއޯ އާދިލް ވިދާޅުވިއެވެ.
މި ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ އެހީތެރިކަން އެހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މި ކޭމްޕަކީ 2025 ވަނަ އަހަރު ބޭއްވުނު ހަތަރުވަނަ ކޭމްޕް ކަމަށްވެސް މަޢުލޫމާތް ދެއްވާފައިވެއެވެ. މީގެ ކުރިން މިއަހަރު ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގައި ކޭމްޕްތައް ބާއްވާފައިވެއެވެ.
2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވުނު ކޭމްޕްތަކުން 3,800 އަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މި ކޭމްޕްތަކުގެ އިތުރު މަޤްޞަދެއްގެ ގޮތުގައި މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެޑިކަލް ފަންނުވެރިންނާއެކު އިތުރު މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ކިޔުންތެރިންގެ ހިޔާލު