އދ.ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ދިއްދުއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ދަނގެތީ ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދާއި، ދިއްދޫ ކައުންސިލްގެ ރައީސް ޣައްސާން ޢަބްދުﷲއެވެ.
ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢުގެ ދަށުން 4600 އަކަފޫޓުގެ ސަރަޙައްދެއްގައި އިމާރާތްކުރުމާއި، ވަށާ ފާރު ރޭނުމާއި ޕޯޓިކޯއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 13 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 9 މަސް ދުވަހެވެ.
މިއިމާރަތަކީ ދިއްދޫގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު