މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮންސްޓަބަލްގެ މަޤާމަށް މީހުން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު، ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން “ސީ” ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި، މީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. އަދި ފިރިހެނުންނަށް އިސްކޮޅުގައި ކުރުވެގެން 5 ފޫޓު 3 އިންޗި އަދި އަންހެނުންނަށް 5 ފޫޓު ހުރުން ލާޒިމްކުރެއެވެ.
މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި 8،990 ރުފިޔާ ލިބޭއިރު، އެލަވަންސްގެ ގޮތުގައި 6،510 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތަކުގެ އިތުރުން ކެއުމާއި ބޭސްފަރުވާގެ ޚިދުމަތްވެސް ލިބޭނެއެވެ.
ފުލުހުންގެ ކޮންސްޓަބަލްގެ މަޤާމަށް މީހުން ނެގުމަށް މި ފުރުސަތު ހުޅުވާލި ނަމަވެސް، ވަޒީފާއަށް ނެގުމަށް ހަމަޖެހިފައިވާ ވަކި އަދަދެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު