މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދިޔަ “މެގަ ހޯރަ” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ނ. ވަވަތިކުރޮޅިއަށް ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، 61 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ 98 ފޫޓްގެ މި ބޯޓު ފަރަށް އަރާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޑައިވަރުންނާ އެކު އެ ސަރަޙައްދުގައި މިވަގުތު ހަރަކާތްތެރިވަމުންދާ އިރު، ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މަޢުލޫމާތެއް ނުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު