ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ގާއިމުކޮށް ނިންމަވައިފިއެވެ.
މިއަދު ވަނީ އެންމެ ފަހު އަތޮޅެއްގެ ގޮތުގައި ވ. އަތޮޅުގައި އައިޑީކާޑްގެ ޚިދުމަތް ދޭން ފަށާފައެވެ.
ވ. ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ދިވެހިންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 1984 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. 2003 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ މަސައްކަތް ކޮމްޕިޔުޓަރުންކުރަން ފެށުމާއެކު ޕްލާސްޓިކް ކާޑަށް ބަދަލުވެ، 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުނެވެ.
އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން މިގޮތަށް ދެމުން އައިސް، ފުރަތަމަ ފަހަރަށް އޮންލައިކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އައިޑީ ކާޑު ހެއްދުމަށް އެދި ހުށައެޅި 3،348 މީހުންނަށް ކާޑު ހައްދައިދީފައި ނުވެއެވެ. އެހެންކަމުން ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި އެއް ކަމަކީ އައިޑީ ކާޑު ހައްދާއިދީފައިނުވާ މީހުންނަށް އެކަން ކޮށްދިނުމެވެ. އަދި އޮންލައިންކޮށް އެދުމުގެ ނިޒާމު އުވާލާ، ސީދާ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ގޮތަށް “ނާރެސް”ގެ ނަމުގައި ޚާއްސަ ޕޯޓަލްއެއް ސަރުކާރުން ތަޢާރަފުކުރިއެވެ.
ރާއްޖޭގެ އިތުރުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު