މި ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާތަނަށް އިންދި ގަސްތަކުގެ އަދަދު ދައްކައިދޭ ބޯޑު ”ފެހި މަންޒަރު“ އިފްތިތާހުކޮށްފިއެވެ.
”ފެހި މަންޒަރު“ ބޯޑު އިފްތިތާހުކޮށްފައި ވަނީ މިއަދު ހަވީރު އެޗްޑީސީގެ މައި އޮފީސް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފްއާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު، ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމްއާއި، ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީން ބުނީ މިއަދު އިފްތިތާހުކުރި ”ފެހި މަންޒަރު“ ބޯޑުގެ މައިގަނޑު މަގްސަދަކީ އެޗްޑީސީން ވެފައިވާ އެއްމިލިއަން ގަސް އިންދުމުގެ ވައުދަށް ވާސިލުވުމަށް އެޗްޑީސީން އިންދަމުންދާ ގަސްތަކުގެ އަދަދު ރައްޔިތުންނަށް ދައްކާލުން ކަމަށެވެ.
2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105,000 ގަސް އިންދާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފައި ވެއެވެ.
”މި ފެހި މަންޒަރުން ހާމަ ވަނީ، ރައީސުލްޖުމުހޫރިއްޔާގެ 5 މިލިއަން ގަސް އިންދުމުގެ ވައުދު ފުރިހަމަ ކުރުމަށް އެޗްޑީސީއިން ކުރަމުންދާ ހިތްވަރު“ އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެ ކުންފުނީގެ އުންމީދަކީ ވީ އެންމެ އަވަސް މުސްތަގުބަލެއްގައި އެއް މިލިއަން ގަސް އިންދުމާ ހަމައަށް ވާސިލުވުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު