މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަޒީފާގެ ނިސްބަތް ދެނެގަތުމަށް، “މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް” އިން ކުރިއަށްގެންދިއަ “ލޭބަރ ފޯސް ސާވޭ” ނިންމައި ރިޕޯޓް އާއްމުކޮށްފިއެވެ.
މިއަދު ވަނީ، “ލޭބަރ ފޯސް ސާވޭ” ގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ނިންމައި އެމް.ބީ.އެސް ގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.
މި ސާވޭގެ ރިޕޯޓް ލޯންޗް ކުރުމަށް އިއްޔެ ހެނދުނު ޗަންޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓް ލޯންޗްކޮށްދެއްވީ މި އައި.އެލް.އޯ އިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރ ޖޯނި ސިމްޕްސޮން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، “މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް” ގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މި ސަރވޭ އަކީ، ހަމައެކަނި އަދަދުތަކެއް ހޯދުމަށް ކުރެވުނު ސާވޭއެއްގެ އިތުރަށް މާ ފުޅާ ދާއިރާއެއްގައި ބޭނުން ހިފޭނެ ސާވޭއެއް ކަމަށެވެ.
އައިޝަތު ހަސަން ވިދާޅުވީ، މި ސާވޭއިން ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ މީހުންގެ ނިސްބަތް ދެނެގަނެވުމުގެ އިތުރަށް، ވާޒީފާއެއް ނެތި ތިބި ރައްޔިތުންގެ ހާލަތު ދެނެގަނެވި، ޖުމްލަކޮށް ރާއްޖޭގެ އިޤްތިސޯދީ ހާލަތު ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މީގެ އިތުރަށް މި ސާވޭގެ ހޯދުންތަކުން، ވާޒީފާ ހޯދުމަށް ހުރި ގޮންޖެހުން ތަކަކީ ކޮބައިކަން ދެނެގަނެވި، އެކަން ހައްލުކުރުމަށް ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކަށް އެހީތެރިވެދޭނެކަށްވެސް އައިޝަތު ހަސަން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު