ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސާއެކު، އުފަންވާއިރު ނާޒުކު ޙާލަތުގައި ތިބޭ ކުދިންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާވެގެންދާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ ވަނީ މާލެ ސިޓީ ގްރޫޕް ހޮސްޕިޓަލްސްގެ ދަށުން ޚިދުމަތްދެމުންދާ ހުރިހާ ހޮސްޕިޓަލަކުންވެސް މިފަދަ މުހިއްންމު ޚިދުމަތްތައް ފުޅާކުރުމަށް މިހާރަށްވުރެވެސް ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބަދުއްރައްޒާޤް ޙަލީމްވަނީ ރާއްޖޭގައި އުފަންވާއިރު ނާޒުކު ޙާލަތުގައި ތިބޭ ކުދިންނަށް މިހާރު ދެވޭ ފަރުވާގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ޚިދުމަތްދެމުންދާ އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 18 އެނދު، ހުޅުމާލޭ ހޮސްޕިޓަލުގައި 14 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއައިސީޔޫގައި 10 އެނދާއެކު ޖުމްލަ 40 އެނދު މާލެ ސަރަޙައްދުގައި ފަރުވާގެ ނިޒާމުގައި ހުރިކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ސީއީއޯ ވިދާޅުވީ އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންނަށް ދެވޭ ފަރުވާގެ ފެންވަރު ވޭތުވެދިޔަ މުއްދަތުގައި މަތިކުރެވުމުން އުފަންވާއިރު އެހާލަތުގައި ތިބޭ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގައި މިދާއިރާއިން ޚާއްސަ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ކަންބޮޑުވުން ސީއީއޯ ފާޅުކުރެއްވިއެވެ.
“ފަރުވާދިނުމުގައި ގިނަ ކުރިއެރުން ގެނެވުމާއެކު، އުފަންވާއިރު، ނާޒުކު ޙާލަތުގައި ތިބޭ ކުދިންގެ ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް ތަމްރީނުވެފައިވާ ނިއޮނޭޓަލް ނަރުހުން މަދުކަން ފާހަގަކުރެވޭ. އަދި ސްޕެޝަލައިޒްޑް ނިއޮނޭޓަލް ނަރުހަކު ނެތުމަކީވެސް މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް.” ސީއީއޯ ވިދާޅުވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީތެރިކަމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގެ އެންއައިސީޔޫގެ ޚިދުމަތްތައްވެސް ހަރުދަނާކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު މިވަގުތުވެސް ށ.އަތޮޅު ހޮސްޕިޓަލުގެ އެންއައިސީޔޫގެ ނަރުހަކު ހުޅުމާލޭ ހޮސްޕިޓަލުގައި ތަމްރީންވަމުންދާކަން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ފާހަގަކުރެއްވިއެވެ. ނިއޮނޭޓަލް ނަރސެސް ކޮންފަރެންސާއެކު މިދާއިރާއިން އީޖާދީ އަދި ދިރާސީ ހެކީގެ އަލީގައި ބައިނަލްއަޤުވާމީގޮތުން ހޯދިފައިވާ ކާމިޔާބީތަކާއި މެދު މަޝްވަރާކޮށް އެކަންކަން ފަރުވާގައި ހިމެނުމާއެކު ރާއްޖޭގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތަށް ދަރުމަވަންތަ ހޮސޕްިޓަލުގައި ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސެސް ކޮންފަރެންސްގައި މާލެ ސަރަޙައްދުގެ ހުރިހާ އެންއައިސީޔޫއަކާއި، ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތް ކުރައްވާ ނަރުހުންގެތެރެއިން 2 ނަރުހުން ހިމެނޭހެން 40 ނަރުހަކުވަނީ ބައިވެރިވެފައެވެ.
ނިއޮނޭޓަލް ނުވަތަ އުފަންވާ ތުއްތު ކުދިންނަށް ދެވޭ ޚާއްސަ ފަރުވާ ރާއްޖޭގައި ފުރަތަމަ ފެށީ 1995 ވަނަ އަހަރުގެ ތެރޭގައެވެ. 5 އެނދާއެކު ފެށި މިޚިދުމަތަށް މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއްވަނީ ލިބިފައެވެ. އެގޮތުން ރާއްޖޭގައި އުފަންވާއިރު ނިޔާވާ ތުއްތު ކުދިންގެ ޢަދަދު މަދުކުރެވިފައިވާއިރު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އަހަރަކު އުފަންވާ ކުދިންގެ ތެރެއިން 1000 އެއްހާ ކުދިން ނާޒުކު ހާލަތުގައި ތިބެގެން އެންއައިސީޔޫގައި އެޑްމިޓްކުރަންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު