ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހދ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ އަތޮޅަކަށް ހައްދަވާ ދެއްވާނެކަމަށާއި އަދި ޓޫރިޒަމް ނެތުމުގެ ލޭބަލް ހދ. އަތޮޅުން ނައްތާލާނެކަމަށް ވިދާޅުވެފައެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ހދ. ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ނައިވާދޫގެ ތަރައްޤީއަށް ގިނަގުނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން، ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން، ސްކޫލް ހޯލުގެ މަސައްކަތް އަވަސްކުރުން، ބަނދަރު ހެދުމާއި ނަރުދަމާ ނިޒާމު ގާއިމުކުރުން، އަދި ސިއްޙީ ޚިދުމަތްތައް ފުޅާކުރުން ހިމެނެއެވެ.
އިޤްތިޞާދީ ކުރިއެރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެ، ރައީސް ވަނީ ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި އިންވެސްޓަރުންނަށް ޚާއްޞަ ލުއިތަކެއް ދެއްވާފައިވާކަމާއި، ގިނަ ފަޅުރަށްތަކެއް ތަރައްޤީކުރުމަށް ހުޅުވާލާފައިވާކަން ފާހަގަކުރެއްވިއެވެ.
ނާގޯށީގެ މަޝްރޫޢު އަލުން ފެށުމަށް މަގުފަހިކޮށްދެއްވާފައިވާކަމަށް ވިދާޅުވެ، ރައީސް ވަނީ މި މަޝްރޫޢު އަވަސް ދުވެއްޔެއްގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވައި، އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަން ހާމަކުރެއްވިއެވެ. ނިންމާލައްވަމުން، ރައީސް މުޢިއްޒު ވަނީ ނައިވާދޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއް ހާސިލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު