އެންމެ ލަސްވެގެން ނޮވެމްބަރު މަހަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވުމަށް އަމާޒު ހިފައިފިއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ހަނިމާދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގައި އިންޓަނޭޝަނަލް ފެންވަރުގައި މިހާރު ކުރަމުންގެންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދަނީ އެއަށްވުރެ ވެސް ހަލުވިކޮށް ކަމަށާއި އެ ސްޕީޑުގައި ގެންގޮސް ވަރަށް އަވަހަށް އެއާޕޯޓުގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ނިންމައި ހުޅުވުން،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވާއިރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ވެސް ފުރާ ފަސިންޖަރުންނަށް ޑޮލަރު ގަނެވޭގޮތަށް، ހަނިމާދޫ އެއާޕޯޓުގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކައުންޓަރެއް ބަހައްޓައި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަނެވޭނެ ނިޒާމު ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު