ދުނިޔޭގެ ދިރިއުޅުމުގައި އިންސާނުންނަށް ކުރިމަތިވާ އެތައް ކަމެއްގެ ތެރެއިން ރުޅިއަކީ ވަރަށް އާދައިގެ އަސާސީ އަދި ގުދުރަތީ އިހުސާސެކެވެ. ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ރުޅި އަންނަ ހާލަތްތައް އަންނާނެއެވެ. ނަމަވެސް މި ރުޅި ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ގޮސްފިނަމަ، އެކަމުގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެ، ގެއްލުންތަކެއް ލިބިދާނެއެވެ. ރުޅި ކޮންޓްރޯލް ނުވުމަކީ ހަމައެކަނި އެހެން މީހުންނަށް ގެއްލުންދޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސަށާއި، ދުނިޔެވީ ހަޔާތަށާއި، ސިއްހަތަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ރުޅި ކޮންޓްރޯލް ނުވުމަކީ، ރުޅި އައިސްފައިވާ ވަގުތު އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، ހިތަށްއަރާ ކޮންމެ ކަމެއް ކުރުމަށް ނުވަތަ ބުނުމަށް ފަސްނުޖެހި، އެކަމުގެ ނަތީޖާއަށް ވިސްނާނުލާ އަމަލުކުރުމެވެ. މިއީ އިންސާނާގެ ވިސްނުމާއި ހަހަމަޖެހުން ގެއްލި، އިހުސާސްތަކަށް ކޮންޓްރޯލް ނުކުރެވޭ ހާލަތެކެވެ. މިހެން ދިމާވުމުން ރުޅިގަދަވެފައިވާ މީހާއަށް އޭނާ ދައްކާ ވާހަކަތަކާއި ކުރާ ކަންތައްތަކުގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ.
ރުޅި އަންނަން ދިމާވާ ސަބަބުތައް އެތައް ގޮތަކަށް ތަފާތުވެއެވެ. ބައެއް މީހުންނަށް ރުޅިއަންނަނީ ކަންކަމާ ފިކުރުބޮޑުވުމުން ނުވަތަ ޕްރެޝަރެއްގެ ދަށަށް ދިއުމުންނެވެ. އަނެއް ބަޔަކަށް ރުޅިއަންނަނީ އިންސާފެއް ނުލިބުމުން ނުވަތަ ހައްގެއް ގެއްލުމުންނެވެ. ބައެއް ފަހަރު ކަންތައްތައް ހީކުރި ގޮތަށް ނުދިއުމާއި، މީހުންގެ ދިމާކުރުންތަކާއި، ނުގަބޫލުކުރެވޭ ވާހަކަތައް ދެއްކުން ފަދަ ކަންކަމަކީވެސް ރުޅި އަންނަން މެދުވެރިވާ ސަބަބުތަކެވެ. މީގެ އިތުރުން ނިދި ނުލިބުން، ބަނޑުހައިވުން، ނުވަތަ ބަލިކަމެއްގެ ސަބަބުންވެސް ރުޅި އަންނަ މިންވަރު އިތުރުވެދާނެއެވެ.
ރުޅިއައިސްފިނަމަ އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރެވޭނެ އެތައް ގޮތެއްވެއެވެ.
ނޭވާ ދޫކޮށްލުން: ރުޅިގަދަވާން ފެށުމުން ބޭރުފުއްޕާމޭ ފުރުމަށްފަހު މަޑުމަޑުން ނޭވާ ދޫކޮށްލާށެވެ. މިގޮތަށް ކުޑަ ވަގުތުކޮޅަކަށް ކުރިއަށްގެންދިއުމުން ހިތްހަމަޖެހުމަށް އެހީތެރިވެދެއެވެ.
ތިބިގޮތް ބަދަލުކުރުން: އިސްލާމްދީނުގައިވެސް ރުޅި އައިސްފިނަމަ، ހުންނަ މީހާ އިށީނުމަށާއި، އިށީނދެފައިވާ މީހާ އޮށޯތުމަށް އިރުޝާދު ދެއްވާފައިވެއެވެ. މީގެ ބޭނުމަކީ ރުޅި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމެވެ.
ހިމޭންވުން: ރުޅި އަންނަ ވަގުތު ބަސްތައް ބުނުމުން ރަނގަޅަށް ވިސްނައިނުގަނެ ބުނެވޭ ބަސްތަކުން ބޮޑެތި މައްސަލަތައް ޖެހިދާނެއެވެ. އެހެންކަމުން ހިމޭންވެ، އެތަނުން ދުރުވުމަކީވެސް މުހިންމު ކަމެކެވެ.
ވުޟޫކުރުން: ރުޅިއަކީ ޝައިތާނާގެ ފަރާތުން އަންނަ ކަމެއްކަމަށް އިސްލާމްދީނުގައި އައިސްފައިވެއެވެ. އަދި ޝައިތާނާ ހައްދަވާފައިވަނީ އަލިފާނުންނެވެ. އަލިފާން ގިރިނގަންނަނީ ފެނުންކަމަށް ވާތީ، ރުޅިއައިސްފިނަމަ ވުޟޫކުރުމަކީވެސް ރުޅި ކޮންޓްރޯލް ކުރުމަށް އެހީތެރިވާނެ ކަމެކެވެ. ﷲ ހަނދުމަކުރުން (ޒިކުރުކުރުން): ﷲ ތަޢާލާ ހަނދުމަކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބި، ރުޅި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ އެއްކަމެވެ.
ރުޅި ކޮންޓްރޯލް ނުވުމުގެ ސަބަބުން ދުނިޔެވީ އެތައް ގެއްލުންތަކެއް ލިބިދާނެއެވެ. ގާތް ގުޅުންތައް ކަނޑުވައި، އާއިލީ މައްސަލަތައް ބޮޑުވެ، ދިރިއުޅުމުގެ އެކި ދާއިރާތަކުގައި ނާކާމިޔާބީތައް ކުރިމަތިވެދާނެއެވެ. ވަޒީފާގެ މާހައުލުގައި ރުޅި ކޮންޓްރޯލް ނުވުމަކީ ވަޒީފާއިން ވަކިކުރެވުމަށާއި، ކެރިއަރަށް ހުރަސްއެޅި، މީހުންގެ އިތުބާރު ގެއްލިގެން ދާނެ ކަމެކެވެ. މުޖުތަމަޢުގައި އެކަހެރިވެ، މީހުން ދުރުހެލިވުމަކީވެސް ރުޅިގަދަ މީހުންނަށް ކުރިމަތިވާ އެއް ގޮންޖެހުމެވެ. ބައެއް ފަހަރު ރުޅީގެ ސަބަބުން ގާނޫނީ މައްސަލަތަކުގައިވެސް ޖެހި، ޖަލަށް ދާންޖެހުން ފަދަ ކަންކަންވެސް ކުރިމަތިވެދާނެއެވެ.
ރުޅި ކޮންޓްރޯލް ނުވުމުގެ ސިއްހީ ގެއްލުންތައް ވަރަށް ގިނައެވެ. ދާއިމީކޮށް ރުޅިގަދަވެ ހެދުމަކީ ހަށިގަނޑުގައި ސްޓްރެސް ހޯރމޯންތައް އިތުރުކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމާއި، ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ އިތުރުން ނިދި ނުލިބުމާއި، ބޮލުގައި ރިހުމާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކުރުވުން ފަދަ ކަންކަންވެސް ކުރިމަތިވެދާނެއެވެ. ނަފްސާނީ ގޮތުން ބަލާއިރު، ރުޅި ކޮންޓްރޯލް ނުވުމަކީ ނަފްސާނީ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. މީގެ ތެރޭގައި ހާސްކަމާއި، މާޔޫސްވުމާއި، ޑިޕްރެޝަން ފަދަ ކަންކަން ހިމެނެއެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތައް އައުމަކީވެސް މިކަމުގެ ނޭދެވޭ އަސަރެކެވެ.
ރުޅިއަކީ އިންސާނާގެ ގުދުރަތީ އިހުސާސެއް ނަމަވެސް، އެކަން ކޮންޓްރޯލް ނުކުރެވުމަކީ ނުރައްކާތެރި ބައްޔެކެވެ. މިއީ ހަމައެކަނި އަމިއްލަ ނަފްސަށް ނޫން، މުޅި މުޖުތަމަޢަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން ރުޅި އަންނަ ވަގުތު ސަމާލުވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ޒިންމާއެކެވެ. އަމިއްލަ ނަފްސަށް ކޮންޓްރޯލް ކުރެވޭ މީހަކަށް ވެވޭނަމަ، ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ކާމިޔާބާއި ހިތްހަމަޖެހުން ލިބި އުފާވެރި ދިރިއުޅުމެއް އުޅެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު