ހއ.ދިއްދޫގައި ތަރައްޤީކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތްތައް ނިމުމަކާ ގާތްވެއްޖެއެވެ. އިމާރާތުގެ މަސައްކަތްތައް ނިންމާ، މިހާރު ކުރަމުންދަނީ އެތެރޭގެ ފިނިޝިން ބައެއް މަސައްކަތްތަކެވެ.
މި އިސްލާމީ މަރުކަޒަކީ ނަމާދުކުރުމުގެ ޖާގައިގެ އިތުރުން، އިތުރު މުހިންމު ގިނަ ޚިދުމަތްތަކެއް ހޯދޭގޮތަށް ތަރައްޤީކޮށްފައިވާ ތަނެކެވެ. އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައި އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ވަނީ ޤާއިމުކޮށްފައެވެ.
އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. މީގެއިތުރުން 2 ސެމިނަރ ރޫމާއި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، އިމާރާތާ ގުޅޭ ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ކުރަންޖެހޭ ބައެއް މަސައްކަތްތައްކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތްތައް ނިންމާ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިމާރާތް ހަވާލުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރ ކުރިއަށްގެންދާނެކަމަށެވެ.
“އިމާރާތުގެ ޑިޒައިނަށް ކައުންސިލުން ހުށައެޅި ބައެއް ބަދަލުތައް ވަނީ ގެނެސްފައި. ކުރިން ޕްލޭންކުރީ މާލޭގައި ހުރިގޮތަށް ބޮޑު ސިޑިލާފައި އިމާރާތްކުރަން. އެކަމަކު ކައުންސިލުން ހުށައެޅިގޮތަށް މިހާރު މިސްކިތުގެ ދެ ފަރާތުގައި ދެ ލިފްޓާއި ސިޑި ބަރި ލާފައި ހަދާފައިވަނީ.” ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު
އިސްލާމީ މަރުކަޒު ތަރައްޤީކުރަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެވެ. ދިއްދޫގައި މި ވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރެވޭ ޖާގަ ތަނަވަސް މިސްކިތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 3 މިސްކިތެކެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ އިސްލާމީ މަރުކަޒާއެކު، މިސްކިތުގެ ޖާގައިގެ މައްސަލަ ޙައްލުވެ، އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ދިއްދުއަކީ އާބާދީގައި 7000އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއެވެ. މަސައްކަތަށް ސަރުކާރުން 50 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު