މިދިޔަ މަހު ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެންސްޕާއިން އެހީގެ ގޮތުގައި 32 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުލައި މަހު ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 32.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 11.7 މިލިޔަން ރުފިޔާ އަދި ރާއްޖޭގައި ފަރުވާކުރުމަށް 21.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ މަހު 22 ބާވަތެއްގެ ބައްޔަށް ޖުމްލަ 1521 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށާއި ކަށީގެ ބަލިތަކަށެވެ. އެގޮތުން ކެންސަރު ބައްޔަށް 146 ކޭސްއަށާއި، ކަށީގެ ބަލިތަކަށް 132 ކޭސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ނާރުގެ ބަލިތަކުގެ 124 ކޭސްއަށްވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށްވެސް އެހީ ހަމަޖައްސައިދީފައިވެއެވެ. އެގޮތުން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޖުމްލަ 575 ކޭސްއަކަށް 8.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭޑީކޭއިން 216 ކޭސްއަށް 3.7 މިލިޔަން ރުފިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން 359 ކޭސްއަށް 4.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންސްޕާއިން އަންނަނީ ތަފާތު އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އަދި މި މަހުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލިމީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.