ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ކުދިންނާއި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. ބޯންމެރޯ ހެދުމަށް މިމަހު ރާއްޖެއިން 7 ކުއްޖަކު ފުރުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިއަހަރު ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު މިދިޔަ އޭޕްރީލް މަހުވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި ބާކީ ތިބި 7 ކުދިން މިމަހު ފޮނުވުމަށް މިހާރުދަނީ މަސައްކަތްކުރަމުންނެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހު ފުރާ 7 ކުދިންނާ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވާފައިވާކަމަށެވެ. މިބައްދަލުކުރެއްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު