ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަށް ނިންމަވާފައި އަންނަ އަހަރު އަމަލީ މަސައްކަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މިރޭ ނ. ހޮޅުދޫގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ އަތޮޅަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ އަތޮޅެއް ކަމަށާއި، ހޮޅުދޫ، ފޮއްދޫ އަދި ވެލިދޫ ހިމެނޭ ސަރަހައްދަށް އިތުރު ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ”ވިހަފަރު“ ގައި އަޅާ މި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ އެވެ. މިއީ ގާތްގަނޑަކަށް 30 މިނެޓުން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓުތައް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން އަޅާ އެއާޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި އެއާޕޯޓާއެކު އިގްތިސާދީ ގޮތުން ވަރަށް ގިނަ ކަންކަން ފަހިވާނެއެވެ. އަދި މި މަޝްރޫއަކީ މެދު އަދި ދުރު ރާސްތާއަށް ބަލާއިރު މުޅި އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމާއި އެ އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެހެން މަޝްރޫއުތަކަށް ވެސް ފައިދާކުރާނެ ކަމެކެވެ.
މި އެއާޕޯޓުގެ އިތުރުން، ނ. އަތޮޅުގައި މިހާރު ގާއިމުކޮށްފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު