މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަަށް ސަރުކާރުން ދޫކުރާ ލޯނުގެ ގޮތުގައި އަހަރުގެ މިހާތަނަށް 282.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ މިހާތަނަަށް ޖުމްލަ 989،739،621.43 (ނުވަސަތޭކަ އަށްޑިހަނުވަ މިލިއަން ހަތްލައްކަ ތިރީސްނުވަހާސް ހަސަތޭކަ އެކާވީސް) ރުފިޔާ އެ ވުޒާރާއިން ދަރިވަރުންގެ ލޯނުތަކަށް ދޫކޮށްފައިވެއެވެ.
އެއިން 282،369،322.43 (ދުއިސައްތަ އަށްޑިހަދެ މިލިއަން ތިންލައްކަ ފަސްދޮޅަސްނުވަހާސް ތިންސަަތޭކަ ބާވީސް) ރުފިޔާއަކީ މި އަހަރުގެ ފާއިތުވި މުއްދަތުގައި ދަރިވަރުންގެ ލޯނުތަކަށް ދޫކޮށްފައިވާ ފައިސާއެވެ.
މިހާތަނަށް ދަރިވަރުންގެ ލޯނު ނަގައިގެން ކިޔަވަމުންދަނީ 1،642 ދަރިވަރުންނެވެ. އެއީ 664 ފިރިހެން ދަރިވަރުންނާއި 978 އަންހެން ދަަރިވަރުންނެވެ. މި އަހަރު 274 ދަރިވަރަކަށް އަލަށް ލޯނު ދޫކޮށްފައިވާއިރު، ލޯނުގައި ކިޔެވި 281 ދަރިވަރުން މި އަހަރު ދަސްވެނިވިއެވެ.
ނިމުނު އަހަރާއި މި އަހަރު ޖުމްލަ 1،151 ދަރިވަރުން ލޯނު އެހީގައި ކިޔަވަން ފަށާފައިވާއިރު ދެ އަހަރު ތެރޭ 863 ދަރިވަރުން ލޯނުގައި ކިޔަވައި ދަސްވެނިވެފައިވެއެވެ. ނިމުނު އަހަރާއި މި އަހަރު މިހާތަނަށް ދަސްވެނިވި 863 ދަރިވަރުންގެ ތެރެއިން 500 ދަރިވަރުންނަކީ ފިރިހެނުންނެވެ. 363 ދަރިވަރުންނަކީ އަންހެނުންނެވެ.
ސަރުކާރުން އަންނަނީ ކޮންމެ އަހަރަކުވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ އެކި މަރުހަލާތައް ފުރިހަމަކުރުމަށް ގިނަ އަދަދެއްގެ ދަރިވަރުންނަށް ލޯނު ދޫކުރަމުންނެވެ. ފާއިތުވި އަހަރު ލޯނު ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަަރުތު ފުރިހަމަވާ ހުރިހާ ކުދިންނަށް ލޯނު ދިނުމަަށް ސަރުކާރުން ނިންމާފައިވެއެވެ.
މި އަހަރު ދަރިވަރުންގެ ލޯނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު ދަރިވަރުންގެ ލޯނަށް ކުރިމަތިލި ކުދިންގެ ތެރެއިން ލޯނަށް ހޮވުނު ކުދިން ކަނޑައެޅުމުގެ މަރުހަލާ މަތީ ތައުލީމާ ބެހޭ ވުޒާރާއިން އަންނަނީ ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު