ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ރައީސްގެ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތުގެ އިސް ބައެއް ބޭފުޅުންނާއެކު ވަނީ މަޝްވަރާތަކެއް ކުރައްވައިފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ) އާ ވެސް ބައްދަލުކުރައްވައިފައެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނާއެކު ބޭއްވި އެ ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސް މުއިއްޒުގެ އެ ދަތުރުފުޅުގައި ދިވެހީންނަށް އިނގިރޭސިވިލާތުން ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުން އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ އެމްޕީ، އާ ވެސް މަޝްވަރާކުރެއްވިއެވެ.
އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ފޯރަމްގައި އެ މަނިކުފާނު ވަނީ “ފްރޮމް މޯލްޑިވްސް” ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އާ ގައުމީ ބްރޭންޑެއް އިފްތިތާހުކޮށްދެއްވައިފައެވެ.
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު