މޫސުމީ ބަދަލުތަކާއި ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކޮށް، ހަކަތައިގެ ސެންޓަރުތަކުން ދޫކުރާ ގްރީންހައުސް ގޭހުގެ މިންވަރު އަންދާޒާކުރުމާ ގުޅޭގޮތުން ޚާއްސަ ތަމްރީނު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.
މިއީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސީބިޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ ތަމްރީނު ވޯކްޝޮޕެކެވެ.
ސީބިޓަކީ މޫސުމީ ބަދަލުތަކާއި އެ ބަދަލުތަކަށް ހޭނުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށާއި، މޫސުމީ ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)އިން ފަންޑުކޮށް، އދ.ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ)ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސީބިޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ، ހަކަތައިގެ ސެކްޓަރުތަކުން ދޫކުރާ ދުމުގެ މިންގަނޑު، ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތަށް އަންދާޒާކޮށް، މައުލޫމާތު އެއްކޮށް ތައްޔާރުކުރުމުގައި އެހީތެރިވުންކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނު ވޯކްޝޮޕްގައި އައިޕީސީސީ ގައިޑްލައިނާއި އައިޕީސީސީ އިންވެންޓަރީ ސޮފްޓްވެއަރ ބޭނުންކޮށްގެން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވާކަމަށެވެ. މީގެއިތުރުން، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސަބަބުން ދެ އަހަރުން އެއްފަހަރު ހުށަހަޅާ ރިޕޯޓް (ބީޓީއާރު) ތައްޔާރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ތަމްރީނު ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އިބްރާހީމް މިމްރާޙް ވިދާޅުވީ، މޫސުމީ މައުލޫމާތު ކަށަވަރުކުރުމުގެ ޤައުމީ ނިޒާމް ހަރުދަނާކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށެވެ.
މީގެ އިތުރުން، މިފަދަ ތަމްރީނުތަކުގެ ސަބަބުން ޕެރިސް އެގްރިމަންޓްގެ ތެރެއިން ދެފުށްފެންނަ މިންވަރު އިތުރުކުރުމުގެ އޮނިގަނޑުގެ ދަށުން ރާއްޖެއަށް އޮތް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ތަމްރީނުގައި ޖުމްލަ 22 މީހުން ބައިވެރިވިއެވެ. މީގެތެރޭގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް އަދި އެނަރޖީ ޑިޕާޓްމަންޓާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު