ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ހެނދުނު އެޙާދިސާގައި ގެއްލިފައިވާ ޑިންގީ ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެހެން ނަމަވެސް މިހާދިސާގައި ގެއްލިފައިވާ ޒަކަރިއްޔާ މުޙައްމަދު އަދިވެސް ފެނިފައި ނުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ޑިންގީ ފެނިފައިވަނީ ގދ. ގައްދޫއާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިންކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިޑައިވްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންކަމަށެވެ.
ގދ.ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށްވަނީ ބަލާފައެވެ.
ގދ.ގައްދޫއިން ގދ.ގަމަށް ދަތުރުކުރި ޢުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ފުލުހުން ވިދާޅުވީ އެމީހާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު