މިދިޔަ އަހަރު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ލިބުނު ސާފު ފައިދާ 92 ފައިދާ އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތައް އޮޑިޓުކުރުމަށްފަހު، އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކަށް ބަލާ އިރު، ކުންފުނީގެ މުއާމަލާތައް ހުރީ ރަނގަޅަށެވެ. އެ މުއާމަލާތްތައް ހުރީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓާންޑަޑްސް (އައިއެފްއާރުއެސް)ގެ އެކައުންޓިން ހަމަތަކާ އެއްގޮތަށް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު އެމްޑަބްލިޔުއެސްސީއަށް ސާފު ފައިދާގެ ގޮތުގައި 113,501,276 (113 މިލިއަން) ރުފިޔާ ލިބުނު އިރު، މިދިޔަ އަހަރު 217,481,635 (217 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ. އެއީ 92 ޕަސަންޓުގެ އިތުރުވުމެކެވެ.
އެމްޑަބްލިޔުއެސްސީއަށް ލިބުނު ޖުމުލަ އާމްދަނީގެ އަދަދު 2023 ވަނަ އަހަރު 1.54 ބިލިޔަން ރުފިޔާގައި ހުރި އިރު، އެ އަދަދު މިދިޔަ އަހަރު ހުރީ 1.57 ބިލިޔަން ރުފިޔާގައެވެ.
އޮޑިޓް ރިޕޯޓުގައި ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެއް ވަގުތެއްގައި ގިނަ އަދަދެއްގެ މާލީ މުއާމަލާތްތައް ހިންގުމުން، ކުށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި ބިލިން ނިޒާމުން އެކައުންޓިން ނިޒާމަށް، މެނުއަލްކޮށް ނުވަތަ އޮޓޮމޭޓެޑް ސިސްޓަމެއް ނެތި މައުލޫމާތު ބަދަލުކުރުމުންވެސް ކުށްޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު