ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަންނަ ހަފްތާގައި ހުއްޓުވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތައް އިސްރާއީލުގެ އޮފިޝަލުން ދޮގުކޮށްފިއެވެ.
އިސްރާއީލުގެ ޔެދިއޮތު އަހްރޮނޮތާ ވާހަކަ ދެއްކި، އިސްރާއީލު ސަރުކާރުގެ ނަން ހާމަނުކުރާ އިސް އޮފިޝަލުން ބުނެފައިވަނީ، ޣައްޒާ ހަމަލާތައް އަންނަ ހަފްތާގައި ހުއްޓުވޭނޭ ކަމަށް ބުނެ ޓްރަމްޕް ދެއްކި ވާހަކަތަކަކީ “އޭނާ އެދޭގޮތް” ކަމަށާއި، އެފަދަ ކަމަކަށް އަދި މަގުފަހި ނުވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގައި ހުރެ ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމަށް ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އިސްރާއީލުގެ ނޫހާ ވާހަކަ ދެއްކި އޮފިޝަލުންނަކީ، ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކުގައި ބައިވެރިވާ ބައެކެވެ.
އެމީހުން ބުނެފައިވަނީ، ޓްރަމްޕްގެ ވާހަކަތައް އަޑުއިވުމުން އެމީހުން ހައިރާންވި ކަމަށާއި، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކުން އެއްވެސް ކުރިއެރުމެއް ލިބުނު ކަމެއް އެމީހުންނަށް ނޭނގޭ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓާލާކަށް އަދި ޣައްޒާއިން ސިފައިން ބާލާކަށްވެސް ނަތަންޔާހޫ ބޭނުމެއް ނުވެއެވެ.
ވާހަކަތަކުގައިވެސް އޭނާ ހުށަހަޅަމުން ގެންދަނީ، އިސްރާއީލުގެ ގައިދީން މިނިވަންކުރަން ކުޑަ ވަގުތުކޮޅަކަށް ހަމަލާތައް ހުއްޓާލުމަށެވެ. އޭގެފަހުން ވަރުގަދައަށް ހަމަލާތައް ދޭން ފެށުމަށެވެ.
އިސްރާއީލުގެ މީޑިއާއާ މައުލޫމާތު ހިއްސާކުރި އޮފިޝަލުން ބުނެފައިވަނީ، ޣައްޒާއާ ގުޅޭގޮތުން ޓްރަމްޕް ދައްކާ ވާހަކަތަކުން އޮޅުންބޮޅުން އަރަމުންދާ ކަމަށެވެ. ވާހަކަތަކުން ހަގީގީ އެއްވެސް ކުރިއެރުމެއް ނުލިބޭއިރު، ޓްރަމްޕް ބޭނުންވަނީ އީރާނު – އިސްރާއީލު ހަމަލާތަކަށްފަހު ފުރުސަތުގެ ބޭނުންހިފައި، ސިޔާސީގޮތުން މަންފާތަކެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޓްރަމްޕް ގެންދަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ނަތަންޔާހޫއަށް ޕްރެޝަރ ކުރަމުންނެވެ.
ޓްރަމްޕް ބޭނުންވެގެން އުޅެނީވެސް ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަށް ނޫން ކަމަށާއި، ޓްރަމްޕް ބޭނުންވަނީ އިސްރާއީލުގެ ހުރިހާ ގައިދީން މިނިވަން ކުރުމާއެކުކ ދައިމީކޮށް ހަމަލާތައް ހުއްޓާލުމަށް ކަމަށްވެސް އެމެރިކާގެ މީޑިއާއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު