އީރާނަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކަށްފަހު، އިސްރާއީލު ސިފައިން މިއަދު މިވަނީ އީރާނުގެ ނަޓާންޒްއަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ.
އެގޮތުން، ނަޓާންޒްގައި ހުންނަ ޔޫރޭނިއަމް ފައްކާކުރާ ބިމުއަޑީގެ އިމާރާތްތައް ހިމެނޭހެން މުޅި އެ ތަން ގޮއްވައި ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.
އަދި ރޭގައި ހަމަލާދިން ތަބްރީޒަށް އަލުން މިއަދު ވައިގެ ވަރުގަދަ ހަމަލާތައް ދީފައި ވެއެވެ.
އިސްރާއީލުން ރޭ އީރާނުގެ އެތައް ރަށަކަށް 100 އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދިންއިރު، ހަމަލާ ދިނުމުގައި 200 ޖެޓު ބައިވެރިވިއެވެ.
މައިގަނޑުގޮތެއްގައި ހަމަލާތައް އަމާޒުކުރި ކަމަށް އިސްރާއީލުން ބުނަނީ، އިސްރާއީލަށް ހަމަލާދިނުމަށް އަމާޒުކޮށް ބަހައްޓާފައި ހުރި ބެލިސްޓިކް މިސައިލް ސައިޓްތަކަށް ކަމަށެވެ.
އަދި އެމީހުންގެ މިޝަން ކާމިޔާބުވި ކަމަށްވެސް، އިސްރާއީލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
މީގެއިތުރުން، ހަމަލާތައް އަމާޒުކުރީ އީރާނުގެ އެއަރ ޑިފެންސް ނިޒާމު ހަލާކުކޮށްލުމަށް ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.
އިސްރާއީލުން ދުރާލާ ރާވައިގެން ދިން ވައިގެ ހަމަލާތަކުގައި އީރާނު އަސްކަރިއްޔާގެ އެންމެ އިސް އެތައް ކޮމާންޑަރުން އަވަހާރަ ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބަގީރީއާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ ކޮމާންޑަރ ހުސައިން ސަލާމީއާއި، ޚާތަމިލް އަންބިޔާ ސެންޓްރަލް ހެޑްކްއާޓަރުގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ޣުލާމް އަލީ ރާޝިދުއާއި، އެއިރޯސްޕޭސް ފޯރސްގެ ކޮމާންޑަރ އާމިރު އަލީ ހާޖީޒާދު ހިމެނެއެވެ.
އިސްރާއީލުގެ ހަމަލާތައް އަމާޒުކުރި އެއް ތަނަކީ ތެހެރާނުގައި ހުންނަ އީރާނު އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑް ސެންޓަރެވެ.
އަވަހާރަވި ކަމަށް ބައެއް ވަސީލަތްތަކުން ރިޕޯޓްކުރާ މީހުންގެ ތެރޭގައި، އިމަޖެންސީ ހެޑްކުއާޓަރުގެ ކޮމާންޑަރާއި، ގްރައުންޑް ފޯރސްގެ ކޮމާންޑަރާއި، ނޭވީ ކޮމާންޑަރާއި، ގުދުސް ފޯރސްގެ ކޮމާންޑަރާއި، ބަސީޖް ފޯރސްގެ ކޮމާންޑަރުވެސް ހިމެނެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ އިސް 6 ސައިންޓިސްޓުންވެސް އަވަހާރަ ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި، އީރާނުގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަންގެ ކުރީގެ ވެރިޔާ ފެރެދައުން އައްބާސީއާއި، އިސްލާމިކް އާޒާދް ޔުނިވަރސިޓީގެ ވެރިޔާ މުހައްމަދު މަހްދީވެސް ހިމެނެއެވެ.
މިއީ، އީރާނުގައި ވަރަށް ވަރުގަދައަށް ހިމާޔަތްކުރެވި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުއްވާ ލީޑަރުންނެވެ. ހަށިފާރަވެރިން ގިނަ ބޭފުޅުންނެވެ.
ރިޕޯޓްތައް ބުނަނީ، މި ބޭފުޅުންނަށް އިސްރާއީލުން ހަމަލާދިނީ، އީރާނުގެ ތެރެއަށް ޖާސޫސުން ފޮނުވައި މައުލޫމާތު އެއްކޮށް، އެ ބޭފުޅުން ތިއްބެވި ތަންތަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
އަދި ވައިގެ ހަމަލާތައް ދިނީވެސް އީރާނުގެ އެތެރޭގައި ބޭސްތައް ހަދައި އެތަންތަނުން ހަމަލާދޭ ޑްރޯންތައް ފޮނުވައިގެން ކަމަށްވެސް ބުނެއެވެ.
އީރާނުގެ ފަސްގަނޑަށް އަރައި، އީރާނަށް ވަގަށް އެތެރެކުރި ހަތިޔާރުގެ ބޭނުންކޮށްގެން އީރާނު އަސްކަރިއްޔާގެ އެންމެ އިސް ވެރިންނާއި، ނިއުކްލިއަރ ޕްރޮގްރާމްގެ އިސް ސައިންސްވެރިން އަވަހާރަކޮށްލައި، އީރާނަށް ކެނޑިނޭޅި ވައިގެ ހަމަލާތައް ދެމުން ގެންދާއިރުވެސް، އިސްރާއީލާ ދިމާއަށް ޑްރޯންތައް ފޮނުވާލުން ފިޔަވައި، އީރާނުގެ ވަރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްއިން އީރާނުގެ ދިފާއަށް އެއްވެސް ކަމެއް ކުރާތީއެއް އަދި ނުފެނެއެވެ.
އިސްރާއީލަށް ހަމަލާދިނުމަށް ގޮވާލައި އީރާނުގެ އާންމުން މަގުތަކަށް ނުކުމެ ގެންދަނީ އަޑު އުފުލަމުންނެވެ. މިހާލަތުގައި އީރާނުގެ ލީޑަރޝިޕް މިހާރު އޮތީ “ވާގިނެތިފައިތޯ” އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.