ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ކަށުނަމާދަށްފަހު ޝައިޚް ފަރީދު ފަސްދާނުލައިފި

ދިވެހިރާއްޖޭގައި ދީނީ ދައުވަތު ފެތުރުއްވުމަށް އަގުހުރި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ދީނީ އިލްމުވެރިޔާ އަދި ދާއީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް މެލޭޝިޔާގައި ކަށުނަމާދުކުރުމަށްފަހު ފަސްދާނުލައިފިއެވެ.

ޝައިޚު އަވަހާރަވީ މެލޭޝިޔާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ އެއާޕޯޓުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގަތުމުން ކުއްލި ފަރުވާދެމުންދަނިކޮށެވެ. ޝައިޚުގެ މައްޗަށް ކަށުނަމާދުކުރީ މެލޭޝިޔާގެ ރާޖީ ހާޖީ ފީ ސަބީލިއްލާހި މިސްކިތުގައެވެ.

މިއަދު މެންދުރުނަމާދަށްފަހު އޮތް ކަށުނަމާދުގައި މެލޭޝިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ. އަދި ޝައިޚުގެ ޖަނާޒާގައިވެސް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެފައިވެއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައި އޮތް ދުވަސްވަރެއްގައި ނުކުމެވަޑައިގެން ފާޅުގައި ދީނުގެ ދައުވަތު ދެއްވަން ފެއްޓެވި މަދު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެ މަސައްކަތްޕުޅުގެ ތެރެއިން އެތައް ފަހަަރަކު ބަންދުކުރެވި ޖަަލަށްވެސް ޝެއިޚު ގެންދެވުނެވެ.

އަދި ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތައް ފެށިގެންއައި ވަގުތު އެ މަސައްކަތުގެ ކުރީ ސަފުގައިވެސް ޝައިޚު ހަރަކާތްތެރިވެވަޑައިގަތެވެ. އެގޮތުން އިދިކޮޅު އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސްކަމުގައި ޝައިޚް ހުންނެވިއެވެ.

އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ދީނާ ޚިލާފު ސިޔާސަތުތަކެއް ގެންގުޅޭތީ އެކަމާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ޝައިޚް ފަރީދުވަނީ އެ ޕާޓީ ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މަސައްކަތްޕުޅުގައި އެއްވެސް މިންވަރަކަށް ޝައިޚް ނޫޅުއްވައެވެ.

ޝައިޚުގެ ހަޔާތްޕުޅުގެ ބާކީ ބައި ހޭދަކުރެއްވީ ދީނީ ދައުވަތު ދެއްވުމާއި، ހެޔޮ ފޯރުވުމުގެ ގޮތުން ޚައިރީ (ޗެރިޓީ) މަސައްކަތްތައް ކުރެއްވުމުގައެވެ. އެކަމަށްޓަކައި ޚިދުމަތް ޖަމްއިއްޔާގައި އިސްދައުރެއް އަދާކުރެއްވިއެވެ. ޝައިޚް ފަރީދުގެ ދީނީ ދަރުސްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އަބަދުވެސް ލިބުނު ދަރުސްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭގެ އިތުރަށް ޝައިޚް ފަރީދަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިވިދާޅުވި ޤާރީއެކެވެ.

ޝައިޚް ފަރީދު ތައުލީމު ހާސިލުކުރެއްވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ޤަޠަރު ޔުނިވާސިޓީންނެވެ. ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ކިޔަވަައިވިދާޅުވި ޝައިޚް ފަރީދުވަނީ މަޢުހަދުގައި ޤާނޫނީ އަދި ޝަރުޢީ މާއްދާތައް ކިޔަވައިދެއްވާފަައެވެ.

މިއަދު މެލޭޝިޔާގައި ޝައިޚުގެ މައްޗަށް ކަށުނަމާދުކޮށްފައިވާއިރު އަންނަ ހުކުރުދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަަށުނަމާދުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނަޢީމް އަވަހާރަވެއްޖެ

TTH_advertisement