ތިން ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ވަނީ ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަނުކުރެއްވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންގެ ނަން އިއުލާނުކުރައްވާފަ އެވެ. އެއާއެކު، ރިޔާސަތުން ވަނީ އެ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ
އަޔަލޭންޑުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމު އާދަމް
ޔޫކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ބެލްޖިއަމް އަދި އީޔޫއަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ
ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރެއްވުމަށް ހުށަހަޅުއްވާފައިވާ އަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވިއިރު ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.
އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖެނިވާގެ ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ އިތުރުން ވެސް ޚާރިޖިއްޔާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ގީލާ ވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއާސް މަޤާމާއި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު ވެސް މީގެކުރިން ފުރުއްވާފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް އޭނާ ފުރުއްވި އެވެ.
ކިޔުންތެރިންގެ ހިޔާލު