އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާ ދެމެދު ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް ޓްރަމްޕް މެދުއިރުމަތީގެ ދަތުރުފުޅުގެ ދެވަނަ މަންޒިލް ކަމުގައިވާ ޤަޠަރަށް ވަޑައިގެން ހުންނެވި ދުވަސްވަރުއެވެ.
ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުންތަކުގެ ސަބަބުން މަދުވެގެން 1.2 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދީ މުޢާމަލާތްތަކެއް އުފެއްދޭނެއެވެ. މީގެ ތެރޭގައި ޤަޠަރު އެއަރވޭޒްއިން 96 ބިލިއަން ޑޮލަރަށް 210 ބޯއިންގ 787 ޑްރީމްލައިނަރ އަދި 777އެކްސް މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، ޤަޠަރުގެ އަލް އުދައިދު އެއަރބޭސްއާއި އެހެނިހެން ވައިގެ ދިފާޢީ ޤާބިލިއްޔަތުތަކަށް 38 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ކުރުމުގެ ނިޔަތުގެ ބަޔާނެއްވެސް ހިމެނެއެވެ.
ރައީސް ޓްރަމްޕް ޤަޠަރަށް ވަޑައިގަތީ ބުދަ ދުވަހު ސަޢޫދީ ޢަރަބިއްޔާއިން ފުރުއްވުމަށްފަހުއެވެ. ޤަޠަރަށް ވަޑައިގަތުމުން އިތުރު ޝަރަފާއި ރަސްމިއްޔާތުތަކާއެކު މަރުޙަބާ ދެންނެވުނެވެ.
މި ދަތުރުފުޅުގައި، ސީރިއާއާ ދެކޮޅަށް ދަމަހައްޓާފައިވާ ފިޔަވަޅުތައް ނައްތާލާނެ ކަމަ ކަމަށް ޓްރަމްޕް އިޢުލާނުކުރެއްވި ކަމުގެ ތަފްޞީލުތައް މަޝްވަރާކުރުމަށް އެމެރިކާ، ތުރުކީ އަދި ސީރިއާގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޓްރަމްޕްގެ މި ތިން ޤައުމުގެ ދަތުރުފުޅު ނިމިވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެމިރޭޓްސްގައެވެ. މި ދަތުރުފުޅަކީ މެދުއިރުމަތީގެ ސަރަޙައްދުގައި އެމެރިކާގެ ނުފޫޒު އިތުރުކޮށް، އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު