ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

އައްޑޫ ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިމުމަކަށް އައިސް، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ރާފިޢުއެވެ.

10 ދުވަހުގެ މުއްދަތަށް އައްޑޫގައި ހިންގުނު މި ޕްރޮގްރާމުގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައް ހިމެނިފައިވެއެވެ. ކުޅިވަރު ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދެ ޕްރޮގްރާމުގައި ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީންގެ އަސާސީ މިންގަނޑުތަކާއި، އުސޫލުތަކާއި، ރިވެތި އަޚްލާޤު ދެމެހެއްޓުމަށް ބައިވެރިންނަށް ތަމްރީނު ދެވިފައިވެއެވެ.

ހޭންޑްބޯޅަ ކޯޗިންގ ކޯހުގައި ކިޔަވައިދެއްވީ އަލްފާޟިލް އިބްރާހިމް ހައިޝަމް ޢަބްދުﷲ އެވެ. އަދި ރެފްރީ ކޯހުގައި ކިޔަވައިދެއްވީ އަލްފާޟިލް ޝާމިން އިބްރާހިމްއެވެ.

އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ގެންދެވުނު ހޭންޑްބޯޅަ ކޯޗިންގ ކޯހުގައި 14 ބައިވެރިން ބައިވެރިވިއެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދެވުނު ހޭންޑްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 19 ބައިވެރިން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ކުޅިވަރާބެހޭ ވުޒާރާއިން ވަރަށް ޚާއްޞަ އިސްކަމެއް ދެނީ ކުޅިވަރު ކުރިއެރުވުމާއި، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށެވެ.

މިގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުޅިވަރު ވަސީލަތްތަކާއި ފިޓްނެސް ސެންޓަރުތައް ޤާއިމުކުރުުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުޅިވަރު ވުޒާރާއިން ހަވާލުކޮށްފައިވާ މަޝްރޫޢުތައް ރަށްރަށުގައި ނިންމުމުގެ މަސައްކަތް ފަށާފައިވެއެވެ.

މި ދެ އަހަރުގެ ތެރޭގައި ޤާއިމުކުރެވޭ ކުޅިވަރު ވަސީލަތްތަކާއި ހިންގޭ މީހުން ބިނާކުރުމުގެ ތަމްރީނު ޕްރޮގްރާމުތަކަކީ، ސަރުކާރުން ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީގައި ކުރިއަށް އޮތް 10 އަހަރަށް ތައްޔާރުކޮށްފައިވާ ރާއްޖޭގެ ކުޅިވަރުގެ މާސްޓަރ ޕްލޭން ތަންފީޛުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.

މި މަސައްކަތްތަކަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ކުޅިވަރުވެރިން އުފެއްދުމާއި، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު އިންވެސްޓްމަންޓްތަކެކެވެ. މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ުގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

އަދި މި މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކުޅިވަރުކުޅެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ވެސް ފައިދާތަކެއް ކުރާނެކަން ޔަޤީނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން މި ގެންދަވާ މަސައްކަތްތަކަކީ ދުރު ރާސްތާގެ ވިސްނުމަކާއެކު ރޭވިފައިވާ، ރާއްޖޭގެ ކުޅިވަރުގެ މުސްތަޤުބަލަށް އަމާޒުކޮށްގެން ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ހިތަދޫގައި މިސްކިތަކަށް ގެއްލުންދިން މައްސަލަ ބަލާ ފިޔަވަޅު އަޅާނެ: ޝަހީމް

muiz

ރައީސް މުއިއްޒު، އަންނަ އަންގާރަ ދުވަހު ފުވައްމުލައް އަދި އައްޑު އަށް ވަޑައިގަންނަވަނީ

addu

އައްޑޫސިޓީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުން ފަށައިފި

addu

އައްޑޫ ވޯޓު: 9،721 ވޯޓުކަރުދާސް ޗާޕުކޮށްފި

TTH_advertisement