ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު “މޯލްޑިވްސް އެކްސްޕޯ 2025” ގައި ބައިވެރިވާ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޭގައި ތަކެތި އުފައްދާ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތަކާއި ޚިދުމަތްތައް ދެއްކުމަށާއި ވިއްކުމަށް ފުރުސަތު ދިނުމުގެ ގޮތުން މި ބަދަލު ގެނެސްފައިވާ ކަމަށެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން މާކެޓް ޕްލޭސްގެ ކޮންމެ ކިއޮސްކެއްގެ އަގަކީ މައުރަޒު ހިނގާ ކޮންމެ ދުވަހަކަށް 1,111ރ. އެވެ. ނަމަވެސް މިހާރު ގޭގައި އަމިއްލައަށް މަސައްކަތްކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގު 444ރ. އަށް ދަށްކޮށްފައިވެއެވެ. އަދި އެހެނިހެން ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގު 666ރ. އަށް ކުޑަކޮށްފައިވެއެވެ.
މީގެ އިތުރުން، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް 3,000ރ. އާއި 4,000ރ. އާއި 4,000ރ. އާ ދެމެދުގެ އަދަދަކުން ވަނީ ކުޑަކޮށްފައެވެ.
މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުރަޒުގެ ވެބްސައިޓް www.expo.mv އާއި މީސް މީޑިއާ ޕްލެޓްފޯމްތަކުން ފޯމު ލިބެން ހުންނާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް 7283886 ނަންބަރަށް ގުޅުމަށް އަންގާފައިވެއެވެ.
މި މައުރަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑުކޮށް ބޭއްވޭ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.