މުޖުތަމައު ބައިބައިކޮށް ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ކޮންމެ ރައްޔިތަކު ވެސް ފުލުހުންނަށް ފުރުސަތުދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ހަދާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް ނެތްކަމަށާއި އެއީ ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ގައުމާމެދު ނުވިސްނާ ބަޔަކު ކުރަމުންދާ ކަންކަމުގައި ލޯ ހުޅުވަންޖެހޭ ކަމަށާއި ކޮންމެ މީހަކީ ގައުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ޒިންމާ އޮތް މީހެއްކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
އަދި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މުއައްސަސާއަކަށް ވާއިރު އިތުރަށް ރައްޔިތުންނާ ގާތްވުމަށްޓަކައި ފުލުހުން ކުރާ މަސައްކަތަކީ ކޮބައިކަން ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. އަދި ދެފުށް ފެންނަ ހެޔޮ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައްޔިތު މީހާއަށް ވެސް އަދި ފުލުހުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ބައެއް ކަހަލަ ސަބަބުތަކާ ހެދި މުޖުތަމައު ތެރޭގައި ނުރަނގަޅު މައްސަލަތަކެއް ފެތުރިފައިވާ ކަމަށާއި ޑްރަގުގެ މައްސަލައަކީ މީގެ ތެރެއިން އެންމެ ބޮޑު މައްސަލަކަމަށާއި ބޮޑެތި ގޭންގުތަކުން ހިންގާ މާރާމާރީތަކާއި މިފަދަ ނުރަނގަޅު އަމަލުތައް ވެސް ވަނީ ވަރަށް ބޮޑަށް ފުޅާވެފައިކަމަށެވެ. އަދި މިއީ މިގަމުގައި މިއަދު ފެށުނު މައްސަލަތަކެއް ނޫންކަމަށާއި މީގެ އެތައް އަހަރެއް ކުރިން ފެށުނު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
“މިފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް މީގެކުރިން މާބޮޑު ސަޕޯޓެއް ލިބިފައެއްނުވޭ. އެހެންނަމަވެސް މިކަންކަން ހައްލުކުރުމަށް މި ދައުރުގެ ތެރޭގައި މަސައްކަތްތަކެއް ދަނީ ކުރަމުން. އަދި މިކަންކަން ހައްލުކުރުމުގައި ގޭންގު ކުށްތަކާ ގުޅޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން. މި ގާނޫނު ފާސްވުމަށްފަހު ހަމަހަމަކަމާއެކު ޒިންމާދާރުކަމާއެކު މި މައްސަލަތައް ހައްލުކުރުމަށް ފުލުހުންނަށް ފުރުސަތުތަކެއް ލިބިގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ އެހެންމެ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބިގެންދާނީ އަވަސް މިނެއްގައި ފުލުހުންގެ ޒިންމާއަށް ހުރަސް ނޭޅޭ މިންވަރަށް މައުލޫމާތު ހިއްސާކޮށްގެންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފުލުހުންގެ އަގުވެއްޓޭގޮތަށް މަސައްކަތްކުރާ ފަރާތްތަކަށް ޖާގަނުދިނުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ގައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުވެގެންދާނީ މިގޮތަށް މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ
މީގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން ހިދުމަތްދޭ އެންމެ ބޮޑު މުއައްސަސާ ކަމަށާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގެ އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ މުއައްސަސާ ކަމަށް ވިދާޅުވިއެވެ.