ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޖާގައާއި ވަސީލަތްތައް ފުޅާކޮށް، އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން އެންމެ މަތީ އިސްކަމެއް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔުނިވަރސިޓީގެ ކުރިމަގު ބައްޓަންކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނިފައިވާ އަމާޒެއް ކަމަށެވެ. މި ގޮތުން، ޔުނިވަރސިޓީގެ ވަޤްފް އިމާރާތް “ސަނާބިލް” މަޝްރޫޢު ފަދަ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، އައިޔޫއެމްގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމާއި، ހުޅުމާލޭގައި އާ އިމާރާތެއް އެޅުމަށް ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމެވެ. މި މަސައްކަތްތަކަކީ ޔުނިވަރސިޓީގެ ޖާގައާއި ވަސީލަތްތައް އިތުރުކޮށް، މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުން ތަޢުލީމީ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭއިރު، ކިޔަވައިގެން ނިކުންނަ ދަރިވަރުންގެ މައްޗަށްވެސް ބޮޑު ޒިންމާއެއް އޮތް ކަމަށެވެ. އެއީ ހެޔޮލަފާ، ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުން ކަމަށާއި، ކޮންމެ ދަރިވަރަކީވެސް ހެޔޮކަމަށް ގޮވާލައި، ނުބައި ކަންކަން ނަހީކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު