ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮމޯޝަނަލް ކެމްޕެއިން ފައްޓަވައި، މަރސޭސައިޑް ޑަރބީ މެޗު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ނަންހިނގާ ޓީމު ކަމުގައިވާ އެވަރޓަން އާއި ލިވަރޕޫލް އެފް.ސީ ބައްދަލުކުރި މި މެޗުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) / ވިޒިޓް މޯލްޑިވްސް އާއި ލިވަރޕޫލް އެފް.ސީ ގުޅިގެން، ކޯ-ބްރޭންޑަޑް އިނީޝިއޭޓިވްއެއްގެ ގޮތުގައި ކުރިއަށްގެންދާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ވަނީ ރަސްމީކޮށް ފަށާފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، ދިވެހިރާއްޖޭގެ ބްރޭންޑް ރެކޮގްނިޝަން އިތުރުކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، ޤައުމަށް މުހިންމު އިޤްތިޞާދީ މަންފާތަކެއް ލިބިގެންދާނެއެވެ. މި ކެމްޕެއިންގެ ދަށުން، ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށްގެންދެވޭނެއެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ވެސް ވަނީ ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން، ލަންޑަންގެ ޓެކްސީތަކާއި، ބަސްތަކާއި، އަންޑަރގްރައުންޑް، ވައިގެ ބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް ފުޅާ ދާއިރާއެއްގައި އިޝްތިހާރުކުރެވިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރަފީޢު އާއި، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.