ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނު ކުރައްވާފައިވާ ގޮތުގައި، މިއަހަރުގެ ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާމް ބައްދަލުވުމެއް ބާއްވަވާ ގޮތަށް ހަމަޖައްސަވާފައިވެއެވެ.
މި ބައްދަލުވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންނާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ބޭރުގެ ޢިއްޒަތްތެރިންނާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާފައިވެއެވެ.
ޚާއްޞަކޮށް، ޢާއިލާތަކާއެކު ވީހާވެސް ގިނަ ކުޑަކުދިންނާއި ޒުވާނުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެދިވަޑައިގެންފައިވެއެވެ.
މުލީއާގެއަށް ވަޑައިގަންނަވާ ބޭފުޅުން ވަދެވަޑައިގަންނަވާނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭގެ ބޮޑު ދޮރޯށިންނެވެ. އަދި މުލީއާގެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ވޭތުވެދިޔަ އަހަރުވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރިއަށް ގެންދެވި ޙަރަކާތެއް ކަމެވެ.
ކިޔުންތެރިންގެ ހިޔާލު