ކުއްލި ޚަބަރު

ރަޝިޔާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓު

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ހުދު ސަމާލު

މޫސާ އިބްރާހީމް މަރާލި ކަމަށް މުހައްމަދު އިބްރާހީމް އިއުތިރާފުވެއްޖެ

ޒަކާތަކީ އިސްލާމީ އިޖްތިމާޢީ އަދާލަތުގެ މައިގަނޑު ތަނބު: ރައީސް މައުމޫން

ޒަކާތަކީ އިސްލާމްދީނުގެ އިޖްތިމާޢީ އަދާލަތުގެ މައިގަނޑު ތަނބު ކަމަށާއި، ޒަކާތާ ގުޅުންހުރި ޙައްޤުތައް އަދާކުރުމުގައި ސަމާލުވާންޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ. މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިރޭގެ ފޯރަމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ “އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު” މި މައުޟޫޢަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނަކީ ހުރިހާގޮތަކުން ބެލިޔަސް، ހުރިހާ ޒަމާނަކަށް އެންމެ އެކަށީގެންވާ، އެންމެ ލުއިފަސޭހަ ދީންކަމަށެވެ. އަދި އެކަން އިސްލާމްދީނުގެ ކޮންމެ ރުކުނަކަށް ބަލާލުމުންވެސް އެނގި ހާމަވެގެންދާކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ޒަކާތް ފިޔަވާ އިސްލާމްދީނުގެ ކޮންމެ ރުކުނަކީވެސް ބާލިޣުވެފައިވާ މީހުންނަށާއި ހަމަބުއްދީގެ އަހުލުވެރިންނަށް ވާޖިބު ރުކުންތަކެއް ކަމަށެވެ. އެހެންނަމަވެސް ޒަކާތަކީ އެންމެންގެ މައްޗަށްވެސް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާކަމެއްކަން ފާހަގަކުރައްވައި، އެކަމުންވެސް ޒަކާތުގެ މުހިންމުކަން ހާމަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމާދުކުރާކަށް ނުޖެހޭ ކުޑަކުއްޖާ، ރޯދަހިފާކަށް ނުޖެހޭ، ޙައްޖަށްދާކަށް ނުޖެހޭ. އެކަމަކު ޒަކާތް ދައްކަންޖެހޭ. އޭނާއެއްނޫން ދައްކާނީ، އޭނާގެ ފަރާތުން އޭނާގެ ބަލަދުވެރިޔާ ދައްކާނީ. އެހެންނަމަވެސް އޭނާގެ ފައިސާގައި، އޭނާގެ މުދަލުގައި، އޭނާއަށް ނިސްބަތްވާ އެއްޗެއްގައި ޒަކާތް އޮންނާނެ. އެ އެބަ ދައްކަންޖެހޭ. އޭގެ ފައިދާ މުޅި މުޖުތަމަޢަށްވެސް ލިބިގެން މިދަނީ. އެހެންވީމާ އެއީ ޒަކާތުގެ މުހިންމުކަމަކީ. އެއީ އެންމެންގެ މައްޗަށް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާ އެއްޗަކަށްވާތީ. ރައީސް މައުމޫން ވިދާޅުވިއެވެ.

މުއްސަނދިންނަށް ލިބޭ މުއްސަނދިކަމަކީ ހަމައެކަނި ތިމާގެ އަމިއްލަ ޒާތަށް ލިބޭ މުއްސަނދިކަމެއްނޫންކަމަށާއި، މުޅި މުޖުތަމަޢުގެ ޙައްޤު އޭގައި ހިމެނޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެ ޙައްޤުތައް އަދާކުރުމަކީ ލާޒިމުކަމެއްކަމަށްވެސް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. ހަމައެހެންމެ ޒަކާތަކީ އިސްލާމްދީނުގައި އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި އަގުހުރި ދައުރެއް އަދާކުރާ ވަސީލަތެއްކަމަށްވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

މި މައުޟޫޢަށް މިރޭގެ ފޯރަމްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ތަޤްރީރުކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޒަކާތަކީ މުޅި އުންމަތުގެ މަޞްލަޙަތު އެކުލެވިގެންވާ މުހިންމު އަޅުކަމެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރުގެ ތަޤްރީރުގައި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން މުޖުތަމަޢުގެ ލާބައާއި މަންފާއަށް ހޭދަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ފަންޑު އިތުރުކޮށްގެން ފަޤީރު މީހާއަށް ބޯހިޔާވަހިކަންވެސް ފޯރުކޮށްދޭންވީ. އޭނާއަށް ހިލޭ ބޭސްފަރުވާވެސް ކޮށްދޭންވީ. އޭނާގެ ދަރިންނަށް ތަޢުލީމުވެސް ފޯރުކޮށްދޭންވީ. އަދި ފިކުރީގޮތުން އުންމަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ވަރުގަދަ ޢިލްމީ ޙަޟާރަތެއްވެސް ޤާއިމުކުރަންވީ. ދަރިންނަށް ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކަށް ފޮނުވައިގެން ތަޢުލީމު އުނގަންނައިދޭންވީއޭ. އިސްލާމީ އުންމަތަށް ތަމްކީނުވުމުގެ ކޮންމެ ފުރުޞަތަކަށް މީގެ ބޭނުން އަޅުގަނޑުމެންނަށް ހިފިދާނެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ މިފަދަ އިޙްޔާ ފޯރަމްތަކަކީ ވަރަށް ފުރިހަމަ ޢިލްމީ އަދި ތަރުބަވީ މަދަރުސާއެއްކަމަށް ވިދާޅުވިއެވެ. އަދި މި ފޯރަމްތަކަކީ އޭގެ ސަބަބުން ގިނަ ރައްޔިތުންނަށް މަންފާ ލިބިގެންދާ ޙަރަކާތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ކޮންމެ ރަމަޟާންމަހަކުވެސް މި ފޯރަމް ބާއްވަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދިން އެއަރލައިންގެ ޝަރަފް މޯލްޑިވިއަންއަށް

ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ

ރަޝިޔާއަށް އައި 8.8 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އަރައިފި

ރަޝިޔާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓު

ELL Mobile Advertisement TTH_advertisement