ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުގެ މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށާއި، އެކަށީގެންވާ އަދަބު ދިނުމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން އިލްތިމާސްކޮށްފިއެވެ.
އެ ސޮސައިޓީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، އިސްލާމްިސްލާމްދީނުގައި ކުޑަކުދީންނަކީ ޚާއްޞަ ރައްކާތެރިކަމެއް ދޭންޖެހޭ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމާއި، ހަނގުރާމައިގެ ޙާލަތުގައި ވެސް ކުޑަކުދީންނަށް ގެއްލުން ދިނުމަކީ މަނާކަމެއްކަމެވެ. މިކަމުން ދޭހަވަނީ އިސްލާމްދީނުގައި ކުޑަކުދީންގެ ކަރާމާތަށް ދެއްވާފައިވާ މަތިވެރި މަޤާމެވެ.
އެހެންނަމަވެސް، މި އުސޫލުތަކާ ޚިލާފަށް، އެމްޑީޕީގެ މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އެ ކުއްޖާއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ޢާންމުކޮށް ފެތުރުމަކީ އެ ޖަމްޢިއްޔާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެކެވެ.
މި ސޮސައިޓީން އިތުރަށް ބަޔާންކޮށްފައިވަނީ، މިފަދަ ޢަމަލުތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއްކަމާއި، މިފަދަ ކަންކަމާމެދު ފިޔަވަޅު ނޭޅިއްޖެނަމަ، މުސްތަޤުބަލުގައި މިފަދަ ކުށްތައް އިތުރުވެގެންދާނެ ކަމަށެވެ.
ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑު ނަމަވެސް، ކުޑަކުދީންނާ ގުޅޭގޮތުން އެފަދަ ވާހަކަތައް ދެއްކުމާއި، ކުދީންގެ ޙައްޤުތަކާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެ ޖަމްޢިއްޔާއިން ބަޔާންކޮށްފައިވެއެވެ.
އަދި މި މައްސަލައިގައި ދަޢުވާ އުފުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާފައިވާ އިރު، އެ ޖަމްޢިއްޔާއިން މި މައްސަލައަށް ތަދައްޚުލުވާނެ ކަމަށާއި، އެކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.