އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އަލްބިއަން އިން ވަނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮނޑިއެއް ހޯދައިފައެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ބޭއްވުނު މި ވާދަވެރި މެޗުގައި ދެ ޓީމުންވެސް ކުޅުން ނިމުނުއިރު ތިބީ 10 ކުޅުންތެރިންނެވެ. ބްރައިޓަން އިން ވަނީ 21 ހަމަލައެއް އުފައްދާ، އޭގެ ތެރެއިން ފަސް ހަމަލައެއް ގޯލަށް އަމާޒުކޮށްފައެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެލެކްޒެންޑަރ އިސާކް ޖެހި ލަނޑުން އެ ޓީމުން ލީޑު ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ ކުރީގެ ނިއުކާސަލް ކުޅުންތެރިއެއް ކަމަށްވާ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފަހު މިނިޓުތަކުގައި ނިއުކާސަލްގެ ފަބިއަން ޝާ ޖެހި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މީގެ އިތުރުން މެޗުގެ 83 ވަނަ މިނިޓުގައި ނިއުކާސަލްގެ އެންތޮނީ ގޯޑޮންއަށް ރަތް ކާޑެއް ދެއްކުމާއެކު، އޭނާއަށް ކުރިއަށް އޮތް އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މެޗުގެ އިތުރު ވަގުތުގައި ބްރައިޓަންގެ ތާރިގު ލަމްޕްޓޭއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ. އިތުރު ވަގުތުގެ ފަހު މިނިޓުތަކުގައި ބްރައިޓަންގެ ޑެނީ ވެލްބެކް ވަނީ ނިންމުމުގެ ލަނޑު ޖަހައި އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭނީ ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗް ޓައުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެވެ.