ހިރިޔާ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކުރި ފުޓްސަލް މެޗަކަށްފަހު، އެ މެޗުގައި ކުޅުނު ބެލެނިވެރިއަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހިރިޔާ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކުރި ކުޅިވަރު ހަރަކާތެއްގައި ރޭ ކުޅެވުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިޔަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވިގެން ވަގުތުން ކައިރީގައި ހުރި އައި.ޖީ.އެމް.އެޗަށް ގެންދެވުނު ކަމަށެވެ. އަދި އެ ބެލެނިވެރިޔާ ނިޔާވެފައިވާކަން ސްކޫލުގެ ފަރާތުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެ ސްކޫލުގެ ގްރޭޑް 10ގެ ބެލެނިވެރިއެއް ކަމަށްވާ އަހްމަދު ޝަރީފް، ދަފުތަރު ނަންބަރު ރސ 12602/މާލެ އެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ހިތާމަވެރި ހާދިސާގައި އާއިލާއަށާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފާފަތައް ފުއްސަވައި ދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވަވައި، ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް “މުޅިރާއްޖެ” އިން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.