ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ އިތުރު މެންބަރުންތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)ގައި އެދިއްޖެ އެވެ.
އަނެއް މެންބަރުންނަކީ:
- ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)،
- ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމް
- ހދ ކުޅުދުއްފުށީ، ޑިސްކު، ނަޖުދާ އަލީގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މި އެދިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 3 ގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ދިން އިރުޝާދާ ހިލާފަށް އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ހިނގާލުން ގެންދަން އުޅުނު މައްސަލާގަ އެވެ.
މިިދިޔަ ބުރާސްފަތި ދުވަހު އެމީހުންނަށް ވަކިވަކިން ފޮނުވާފައިވާ މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައިވާ ގޮތުން އެރޭގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ މުޒާހަރާކޮށް، ާއއްމު ދަތުރު ފަތުރު ކުރުމަށާއި އާއްމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންވެ އެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު