ލާމަރުކަޒީ ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާކަން ގަބޫލުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުންނާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާއިރު އެ ނިޒާމު އެތައް ތަޖުރިބާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނިޒާމު ވުޖޫދުވުމަށްފަހު ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާމެދު މިއަދު ވިސްނާލުން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިހާވަރަކަށްތޯ ރައްޔިތުން ލާމަރުކަޒީ ނިޒާމު އޭރު ބަލައިގަތީ، އެ ނިޒާމުގެ ސަބަބުން އަތުވެދާނެ ކުރިއެރުންތަކާމެދު ކިހާވަރަކަށްތޯ މީހުންނަށް ހޭލުންތެރިކަން ލިބިފައިވަނީ. އަދި އެ ނިޒާމު ކުރިއަށް ގެންދިއުމުގައި މަލްޓި ޕާޓީ ސިސްޓަމުގެ ތެރެއިން ކިހާވަރަކަށްތޯ މީހުން ތައްޔާރުވެފައި ތިބީ؟ މިއީ ހަނދާނަށް ގެންނަން ޖެހޭ ކަމެއް.
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގައި މިހާތަނަށް ކުރެވުނު ތަރުޖިބާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގެންފައިވާކަން ކަމަށެވެ.
އޭގެ އިތުރަށް ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދެވޭ އަދި އެންމެ ގާތުން ރައްޔިތުންނާއެކު މަސައްކަތްވެސް ކުރެވޭ ނިޒާމުކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ނިޒާމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއް ބަޔަކީ ކައުންސިުތައް ކަމަށާއި ކައުންސިލުތަކާއެކު މަސައްކަތް ކުރުމުގައި ފިކުރު މިހާރަށްވުރެވެސް ބޮޑަށް ދިރުވައި އާލާކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
”ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ. ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން” މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ކައުންސިލުތަކާ ބައްދަލުކުރައްވައި، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އެ މަނިކުފާނު ހޯއްދަވާ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު