ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދުގެ އެހީގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަ ވީއްލުން ހަދިޔާކުރުމުގެ މަޝްރޫޢު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު 5:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މަޝްރޫއު އިފްތިތާހު ކުރުމަށްޓަކައި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އިސް ވަފުދެއް ރާއްޖެ ވަޑައިގަނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މި ޙަރަކާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންނާ އެކު ޚާއްސަ ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ މުހިންމު ކަންތައްތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު އިސްލާމީ މަރުކަޒަށް، ރޯދަ ވީއްލުމުގައި ބައިވެރިވުމަށްޓަކައި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުގެ އެހީގައި ރާއްޖެއަށް ކަދުރު ވެސް ހަދިޔާ ކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު