މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށުމަށް ފުލުހުން ނިންމައިފިއެެވެ.
މިކަމާ ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ފުލުހުން ކަނޑައަޅާ ތަނަކަށް މިފަދަ އުޅަނދުތައް ޓޯ ކޮށްގެން ގެންދެވޭނެ ކަމަށެވެ.
އެހެން ކަމުން އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނަގައި ނިންމުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އުޅަނދުތައް ނެގުމަށްފަހު ފުލުހުން ކަނޑައަޅާތަނަކަށް ގެންދެވޭނޭ ކަމަށާއި، އުޅަނދު އުފުލައި ގެންދިއުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް، އަދި ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް އެ އިދާރާއިން ޒިންމާ ނުވާނެ ކަމަށެވެ.
އަދި ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު