އާރުޓީއެލް ފެރީގެ ހިދުމަތް ދ. އަތޮޅާއި ފ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
ދެ އަތޮޅުގައި ވެސް އެ ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.
ދ. އަތޮޅުގައި އެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު އަމީން ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބާކީ އޮތް ހުރިހާ ރަށްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށެވެ.
މިހާރު އެ ހިދުމަތް 12 އަތޮޅެއްގެ 123 ރަށަކަށް ފޯރުކޮށްދެއެވެ.
އަމީން ވިދާޅުވީ އަލަށް އެ ހިދުމަތް ފެށި ފ. އާއި ދ. އަތޮޅުގެ 11 ރަށަކަށް މިވަގުތު އާރުޓީއެލް ފެރީގެ ދަތުރުތައް ކުރާނެއެވެ. އަދި އެ ޒޯނުގައި ހިމެނޭ އިތުރު ރަށްތަކަށް ވަރަށް އަވަހަށް އެ ހިދުމަތް ފެށޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރެއްވުމަށް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅު ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އަދި އިތުބާރު ހުރި ކަނޑު ދަތުރުފަތުރުގެ ސަގާފަތެއް ގާއިމު ކުރެއްވުމަށް ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން އާރުޓީއެލް ފެރީގެ ނިޒާމުގައި ބޭނުންކުރުމަށް 12 އުޅަނދެއް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެ އެވެ. އޭގެ ތެރެއިން ދެ އުޅަނދުގެ މަސައްކަތް ނިމިފައިވާއިރު ފ. އަތޮޅާއި ދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައި މިވަނީ އެ އުޅަނދު ބޭނުންކޮށްގެންނެވެ.
ކިޔުންތެރިންގެ ހިޔާލު