ބަންގްލަދޭޝްގެ ޕާލަމެންޓަށް އަލަށް އިންތިޚާބު ކުރެވުނު މެމްބަރު މިއަދު ހުވާ ކުރައްވައިފިއެވެ.
ޕާލަމެންޓް މެމްބަރު ކަމުގެ ހުވާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ބަންގްލަދޭޝްގެ އައު ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައި ގަންނަވާ ތާރިގް ރަހްމާންވެސް ހިމެނިވަޑައި ގަންނަވައެވެ.
ތާރިގް ރަހްމާން ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ޚާއްސަ ރަސްމިއްޔާތު އޮންނާނީ ބަންގްލަދޭޝްގެ ގަޑިން މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މިއީ، 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ޒުވާނުން ނުކުމެ އެގައުމުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާގެ ވެރިކަން ވައްޓާލިފަހުން އެގައުމުގައި އިންތިޚާބު ކުރެވުނު ފުރަތަމަ ޕާލަމެންޓެވެ.
ފެބްރުއަރީ 12 ގައި ބެއްވި އާންމު އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ -ބީއެންޕީން ވަނީ ޕާލަމެންޓުގެ ދެބައިކުޅަ އެއްބައި ގޮނޑި ކާމިޔާބު ކޮށްފައެވެ. ބީއެންޕީގެ ޗެއަރމަންއަކީ ތާރިގް ރަހްމާނެވެ.
ބީއެންޕީގެ ޕާލަމެންޓު މެމްބަރުން، އެޕާޓީގެ ލީޑަރަކަށް ތާރިގް ރަހްމާން މިއަދުގެ ވަގުތެއްގައި ރަސްމީގޮތުން އިންތިޚާބު ކުރާނެއެވެ.
އުމުރުފުޅުން 60 އަހަރުގެ ތާރިގް ރަހްމާން ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ ކުރިފުޅުމަތީގައެވެ. ތާރިގް ރަހްމާންގެ ކެބިނެޓް މިނިސްޓަރުންވެސް މި ރަސްމިއްޔާތުގައި މަގާމުގެ ހުވާ ކުރައްވާނެއެވެ.
ތާރިގް ރަހްމާން ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއެކު، 18 މަސްވީ ވަގުތީ ސަރުކާރު ނިމުމަކަށް އަންނާނެއެވެ.
އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށްފަހު ތާރިގް ރަހްމާން ވިދާޅުވެފައިވަނީ، އޭނާގެ ޕާޓީއަށް ލިބުނު ކާމިޔާބީއަކީ ބަންގްލަދޭޝްއަށާއި، ޑިމޮކްރަސީއަށާއި، އަދި ޑިމޮކްރަސީއަށްޓަކައި ގުރުބާންވި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް އެއްބަސްވެވަޑައި ގެންނެވިއެވެ. ޚާއްސަކޮށް އިގްތިސާދު ނަގާ ކޮޅަށްޖެހުމަށް ކުރަންހުރި މަސައްކަތްތައް ގިނަ ކަމަށް ވިދާޅުވިއެވެ.
ތާރިގް ރަހްމާންވަނީ، ގައުމު އަލުން ބިނާކުރުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނާއި، އަދި ސިޔާސީ ޕާޓީތައްވެސް އެއްގަލަކަށް އެރުމަށް އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަދި އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށާއި، ގާނޫނީ ވެރިކަމެއް ކޮށް ދެއްވާނެ ކަމަށެވެ.
ތާރިގް ރަހްމާން ވިދާޅުވީ، އޭނާގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ބަންގްލަދޭޝްގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު