ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ޖަލަށް ލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ސައީދުގެ ސިއްހީ ހާލަތު ހުރިގޮތުގެ ސަބަބުން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ އިއްޔެއެވެ.
ސައީދަށް އެ ހުކުމް އިއްވީ ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް އެ ކުންފުންޏާއެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލާގައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ. ނަމަވެސް ދީނާ އެ ދުވަހު ކޯޓަށް ހާޒިރުނުވާތީ ހުކުމް އިއްވޭގޮތެއް ނުވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ ސައީދު ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000ރ. އެ ކުންފުންޏަށް ދިނުމަކީ ގޯހެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އޭޕްރިލް 25، 2019 ގައެވެ.
މީގެއިތުރުން ވެސް ސައީދުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް ވަނީ އުފުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު