22 ވަނަ ރަމަޟާން ބެޑްމިންޓަން ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ ރަމަޟާން ބެޑްމިންޓަން ކަޕް އޮންނާނީ 20 ފެބްރުއަރީ 2026 ން 25 ފެބްރުއަރީ 2026 އަށް މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކަމަށެވެ.
މި މުބާރާތަކީ ބީއޭއެމްގެ ކުލަބުތަކުގެ މެންބަރުންނާއި، އަމިއްލަ މެންބަރުންނާއި ބެޑްމިންޓަން އެސޯސިއޭޝަނުން ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ މަގްސަދަކީ އެސޯސިއޭޝަނުގެ ކުލަބުތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކުރުވާ ބެޑްމިންޓަން އެސޯސިއޭޝަނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމެވެ. އަދި ބެޑްމިންޓަންގެ މަގްބޫލުކަން އިތުރު ކުރުންކަމަށް އެސޯސިއޭޝަނުން ބުނެއެވެ.
ބީއޭއެމް އިން ބުނީ މުބާރާތް ރާވާ ހިންގާނީ އެ އެސޯސިއޭޝަނާއި، މެންބަރުންގެ ތެރެއިން އެކަމަށް އައްޔަނުކުރެވޭ ކޮމިޓީއެއްވެސް ލަފާގެ ދަށުން ކަމަށެވެ. މި މުބާރާތުގެ ޤަވާޢިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދިވެހިސަރުކާރުގެ ގެޒެޓުން ލިބޭނެކަމަށްވެސް އެސޯސިއޭޝަނުން ބުނެއެވެ.
ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.
އަދި ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 ނުވަތަ 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު