އެމެރިކާގެ ޓައިމް މެގަޒިންގެ މި އަހަރު އެކުލަވާލި ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނައިފި އެވެ.
މިއީ ރާއްޖޭގެ ރައީސަކު ސިއްހީ ދާއިރާއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޓައިމްއިން މިއަދު ވަނީ މި އަހަރުގެ ސިއްހަތުގެ ދާއިރާގެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުގައި ރައީސް މުއިއްޒުގެ ނަން ހިމަނާފައިވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތްކޮށްފައެވެ.
ހާއްސަކޮށް ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފަ އެވެ. އޭގެތެރޭގައި:
2007ގެ ފަހުން އުފަންވެފައިވާ ކުދިންނަށް ސިނގިރޭޓު ވިއްކުމާއި ބޭނުން ކުރުން މަނާކުރުން
ވޭޕް މަނާކުރުން
ރާއްޖޭގެ ކޮންމެ ރަށެއްގައި ސިޒޭޝަން ކްލިނިކެއް ގާއިމްކުރުން
އޭގެ އިތުރުން 24 ގަޑިއިރު ހިދުމަތްދޭ މެންޓަލް ހެލްތު ހެލްޕް ލައިނެއް މިއަހަރު ގާއިމްކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ، މަންމަގެ ގައިން ތުއްތު ދަރިންނަށް ފެތުރުން ހުއްޓުނު ފުރަަތަމަ ގައުމުގެ ގޮތުގައި ރާއްޖެ ހިމެނުނުކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިދިޔަ އަހަރު އެވޯޑެއް ވެސް ވަނީ އަރުވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު