ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށްޓަކައި، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ސްވެނިއަރ ޓިކެޓް ވިއްކައިގެން އެއްކުރި ހުރިހާ ފައިސާއެއް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުކޮށްފިއެވެ. އެފްއޭއެމުން ވަނީ ސްވެނިއަރ ޕްލެޓިނަމް އަދި ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކައިގެން ޖުމްލަ 3 ލައްކަ ރުފިޔާ އެއްކޮށްފައެވެ. 500 ޓިކެޓް ވިއްކައިގެން ލިބުނު މި ފައިސާ ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަދިޔާކުރިއިރު، ފަލަސްޠީނުން ވަނީ ރާއްޖޭން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކޮށްފައެވެ.
ފަލަސްޠީނު ޓީމުން ރާއްޖޭގައި ކޭމްޕް ކުރީ މިމަހުގެ 22 ގައި އިންޑިއާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެއީ ފަލަސްޠީނުގައި ހުރިހާ ކުޅުންތެރިން އެއްކޮށްގެން ކޭމްޕް ކުރެވޭނެ މާހައުލެއް ނެތުމުގެ ސަބަބުންނެވެ. އެ ޓީމަކީ އެކި ގައުމުތަކުގައި ދިރިއުޅޭ ކުޅުންތެރިން ހަމަކޮށްގެން އެކުލަވާލާފައިވާ ޓީމެކެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވީ ފަލަސްޠީނުން ރާއްޖޭގައި ކޭމްޕް ކުރުމުގެ ސަބަބުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރި ކަމަށެވެ. ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމަށް އަބަދުވެސް ދިމާވާ ގޮންޖެހުމަކީ ބޭރު ގައުމުތަކުގެ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނުލިބި މުބާރާތްތަކަށް ދާން ޖެހުން ކަމަށާއި، ފަލަސްތީނު ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ދެ މެޗު ކުޅެލަން ލިބުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ޓީމުގެ ކޯޗިން ސްޓާފުން ފާހަގަކުރި ކަމަށް ޒަރީރު ވިދާޅުވިއެވެ.
ތަޖުރިބާ ހުރި ފަލަސްތީނު ޓީމު ކަހަލަ ޓީމަކާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބި، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންނަށް ޓީމު ތައްޔާރުވުމަށް ޓީމު ތައިލޭންޑްގެ ޗޮންބުރީއަށް ފުރުމުގެ ކުރިން، ފަލަސްޠީނު ޓީމުގެ ދަތުރަކީ ރާއްޖެއަށްވެސް ލިބުނު ރަނގަޅު އެހީއެއް ކަމަށް ޒަރީރު ފާހަގަ ކުރެއްވިއެވެ.
ފަލަސްޠީނު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، އެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. ރާއްޖޭގައި ހޭދަވީ 10 ދުވަހު ދިވެހި ސަރުކާރާއި އެފްއޭއެމާއި ދިވެހި ޓީމުން އަދި އާންމުން ދިން ލޯތްބާއި އެހީތެރިކަމަކީ ދުވަހަކު ހިތުން ފިލައިގެން ނުދާނެ ކަންތައްތަކެއް ކަމަށް އެމީހުން ބުނެފައިވެއެވެ.
އެ ޓީމަށް އެއާޕޯޓުން ކީ މަރުހަބާއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމާއި ފުރައިގެން ދާންދެން ދިން މެހެމާންދާރީއަކީ އަމިއްލަ ގައުމުގައިވެސް މީން ދުވަހަކު ތަޖުރިބާ ނުކުރެވޭ މިންވަރަށް އުފާވެރިކަމާއި އޯގާތެރިކަން އިހްސާސްވި ދަތުރެއް ކަމަށް ފަލަސްޠީނު ޓީމުން ފާހަގަ ކުރިއެވެ. 10 ދުވަހު ރާއްޖޭގައި ކޭމްޕްކުރުމަށްފަހު ފަލަސްތީނު ޓީމު މިއަދު ފުރާފައިވާއިރު، އެ ޓީމުގެ އެންމެ އަވަސް ކޮލިފައިން މެޗަކީ މިމަހުގެ 22 ގައި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ.
ކިޔުންތެރިންގެ ހިޔާލު