ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި، ރައީސް ޑރ. މުއިއްޒު ދެ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ އަންނަ އަންގާރަ ދުވަހުއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީއަށެވެ.
އޭގެ ފަހުގައި، ޖެހިގެން އަންނަ ދުވަހު، އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.
މިއީ ދެ ސިޓީއަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ދެ ސިޓީގެ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރައްވައި އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޑރ. މުއިއްޒު، ވޭތުވެދިޔަ އެއް އަހަރާއި 11 މަސްތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން އާ ރިކޯޑެއް ހެއްދެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެމަނިކުފާނު 187 ވަނަ ރަށަކަށް ވަޑައިގަތީ ކ. ތުލުސްދޫއަށެވެ.
މި މުއްދަތުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ 64 ރަށަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފައެވެ. ވެރިކަމުގެ ފުރަތަމަ ދައުރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން 2 ފަހަރު ވަޑައިގަތުމަކީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކަންކަން ކުރަމުންދާނީ ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ރައްޔިތުން އެދޭ އަމާޒަށް ވާސިލްވާ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މުއްދަތުގެ ތެރޭގައި ހުރިހާ ކައުންސިލްތަކަކާއި ބައްދަލުކޮށް، ބައެއް ކައުންސިލްތަކާ ދެ ވަނަ ފަހަރާ ވެސް ބައްދަލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން 148 ކައުންސިލަކާ ދެ ފަހަރަށް ބައްދަލު ކުރެއްވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު