ތިލަދުންމަތީ ދެކުނުބުރީ ނާވައިދޫގައި އޭ.ޓީ.އެމް. ގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ނައިވާދޫއަކީ އެމަނިކުފާނު މިއަދު ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ މަނާޒިލުގެ ތެރެއިން ފުރަތަމަ މަންޒލެވެ. އޭ.ޓީ.އެމް. އިފްތިތާޙުކުރުމުގައި، ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި، ބީ.އެމް.އެލް. ގެ ޗެއަރޕަރސަން، ސީ.އީ.އޯ. އަދި ނާވައިދޫ ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިމުނާސަބަތުގައި، ބީ.އެމް.އެލް. ގެ ފަރާތުން ނާވައިދޫ ކައުންސިލަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ 10 ރަށެއްގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ޤާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެހައި ރަށްތަކުގައި އޭ.ޓީ.އެމް. ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުފުޅުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިގޮތުން، މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭ.ޓީ.އެމް. ގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީ.އެމް.އެލް. އިން ވަނީ ފަށާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ބީ.އެމް.އެލް. ގެ ބޭންކިންގ ވިޔުގަ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ އިރު، މިކަމަކީ ފައިސާ ފޮނުވުމާއި، ނެގުމާއި، އެހެނިހެން މުޢާމަލާތްތައް ކުރުމުގައި ރައްޔިތުންނަށް ލުއިފަސޭހަވެގެން ދާނޭ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު